މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ހަތްވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 29 ވަނަ މާއްދާގެ ދަށުން ތިން މެންބަރަކު ސިޔާސީ ޕާޓީ ބަދަލުކުރެއްވިކަމާއި، ދެ މެންބަރަކު ސިޔާސީ ޕާޓީން ވަކިވެވަޑައިގެންނެވިކަން ރިޔާސަތުން އިޢުލާންކުރައްވައިފިއެވެ.
މިގޮތުން، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންނެވި ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިންއާއި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގެންނެވި ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމިން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވަޑައިގެންނެވިއެވެ. އަދި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައި ނުގަންނަވާ މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ މަޑަވެލި ދާއިރާގެ މެންބަރު މުޢާޒު މުޙައްމަދު ރަޝީދު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގެންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންނެވި ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފް ވަނީ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ގޮތުގައި މަޖިލީހުގެ ދަފްތަރުގައި ހިމަނުއްވާފައެވެ.
މިގޮތަށް އިޢުލާންކުރެއްވުމާއި ގުޅިގެން، މިހާރު މަޖިލީހުގެ ގޮނޑިތައް ބެހިފައިވާގޮތް ވެސް މިއަދު ރިޔާސަތުން އިޢުލާން ކުރެއްވިއެވެ. މިގޮތުން، މިހާރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 44 އެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 22 އެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 11 އެވެ. މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 5 އެވެ. އަދި އަދާލަތު ޕާޓީގައި އެއް މެންބަރަކާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ގޮތުގައި 2 މެންބަރުން މިހާރު މަޖިލީހުގެ ދަފްތަރުގައިވެއެވެ.
މެމްބަރުންގެ ލިސްޓް
30 ޝަޢުބާން 1436
17 ޖޫން 2015