ރަމަޟާން މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވާ ގަޑިތައް ޢާންމު ކޮމިޓީން ނިންމަވައިފި

އިއްޔެ ބޭއްވުނު ޢާންމު ކޮމިޓީގެ 7 ވަނަ ބައްދަލުވުމުގައި ރަމަޟާން މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވާ ގަޑިތައް ނިންމަވައިފިއެވެ.
މިގޮތުން، ރަމަޟާން މަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 ން މެންދުރު 14:00 ށެވެ. އަދި މެންދުރު 12:00 ން 13:00 ށް ޖަލްސާގެ ހުސްވަގުތުކަމަށް ވަނީ ހަމަޖައްސަވާފައެވެ.
މީގެއިތުރުން، ޕާލަމެންޓަރީ ސަރވިސްގެ ގަވައިދަށް ބަދަލުގެނެސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ރަސްމީ ގަޑިއަކީ، ސަރުކާރުން ކަނޑައަޅާ ރަސްމީ ގަޑި ކަމަށްވެސް ހަމަޖެއްސެވިއެވެ.
އިއްޔަ ބޭއްވުނު ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޢާންމު ފަރާތްތަކުން ފޮނުއްވާފައިވާ 7 މައްސަލައަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި އެމައްސަލައަކާގުޅޭ ކޮމިޓީއަކަށްވަނީ ފޮނުއްވާފައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރުގެ އިތުރުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙަންމަދު ފަލާޙް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ޙުސައިން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، ފެލިދޫ ދާއިރާގެ މެންބަރު އަޙްމަދު މަރުޒޫގް، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން، ދާންދޫ ދާއިރާގެ މެންބަރު އަޙުމަދު އައްސަދު އަދި އުގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ވަޑައިގެންނެވިއެވެ.

29 ޝައުބާން 1436
16 ޖޫން 2015