ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/2) އަށް އިޞްލާޙު ގެނައުމުގެ ބިލު، އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް، ގެނެވުނު އިޞްލާޙާއެކު 60 މެންބަރުގެ ޢިއްތިފާގުން ފާސްކުރައްވައިފިއެވެ.

މިބިލަށް ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން ހުށަހަޅުއްވައި ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމިން ތާޢިދުކުރެއްވި އިޞްލާޙަކީ ބިލުގެ 51 ވަނަ މާއްދާގެ (ހ)،(ށ)،(ރ) އަދި (ނ) އަށް ހުށަހެޅިފައިވާ އިޞްލާޙެކެވެ. މި އިޞްލާޙު ފާސްކުރައްވާފައިވަނީ 55 މެންބަރުންގެ ޢިއްތިފާގުންނެވެ.
މިއަދުގެ ޖަލްސާގައި އިޖްތިމާޢީ ކޮމިޓީގެ ފަރާތުން ރިޕޯޓު ހުށަހެޅުއްވީ ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދުއެވެ. މިއަދުގެ ޖަލްސާގައި މި ބިލަށް ޖުމްލަ 16 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 15 ޖޫން 2015 ވާ ހޯމަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

10 ރަޖަބު 1436
29 އޭޕްރީލް 2015