ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި، ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު 44 މެންބަރުންގެ އަޢުލަބިއްޔަތުން މަޖިލީހަށް ބަލައިގަނެފިއެވެ. އަދި ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 5 މެންބަރަކު ވޯޓް ދެއްވާފައިވާއެވެ.
މި ބިލު މަޖިލިހަށް ބަލައިގަތުމާއި ގުޅިގެން ދިރާސާ ކުރެއްވުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުވިފައެވެ.
މި ބިލުގެ އިބްތިދާޢީ ބަޙުސް މަރުޙަލާގައި 25 މެންބަރުން ވާހަކަދެއްކެވިއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 4 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 10 ޖޫން 2015 ވާ ބުދަދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައެވެ.

22 ޝަޢުބާން 1436
9 ޖޫން 2015