ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންފުޅުތައް މަޖިލީހުން ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައި، ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު (ޤާނޫނު ނަންބަރު 2015/9) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޕަބްލިކް ސަރވިސް މީޑިއާގެ ގަވަރނިންގ ބޯޑަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި، އެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާގެ ފުރަތަމަ ގަވރނިންގ ބޯޑަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް މަޖިލީހުން ފާސްކުރައްވައިފިއެވެ.
އެގޮތުން އަލްފާޟިލް އިބްރާޙިމް ޢުމަރުމަނިކު، ދަފްތަރު ނަންބަރު 2133 ގެ ނަންފުޅާއި، އަލްފާޟިލް މުޙައްމަދު ޝާޤިލް، މއ. ޕެންޒީ، ގެ ނަންފުޅާއި، އަލްފާޟިލް މުޙައްމަދު އިކްރާމް އަބްދުއްލަޠީފް، ޅ. ނައިފަރު / ހަނދު، ގެ ނަންފުޅާއި، އަލްފާޟިލް އިބްރާހީމް ޙިލްމީ، ތ. ވިލުފުށި/ ހުސްނުހީނާގެ، ގެ ނަންފުޅާއި އަދި އަލްފާޟިލް އިބްރާހީމް ޚަލީލް، ދަފްތަރު ނަންބަރު 1903، ގެ ނަންފުޅު ފާސްކުރައްވާފައިވަނީ 50 މެންބަރުންގެ އިއްތިފާޤުންނެވެ. އަދި އަލްފާޟިލާ އާމިނަތު ޝާޔަން ޝާހިދު، މ.ޕެޓީވިލާ، ގެ ނަންފުޅާއި އަލްފާޟިލް މަޙްމޫދު ޢަލީ، ހއ. އިހަވަންދޫ/ ނޫފަރު، ގެ ނަންފުޅު ފާސްކުރައްވާފައިވަނީ 49 މެންބަރުންގެ އިއްތިފާޤުންނެވެ.
މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓް ތަޅުމަށް ހުށަހަޅައިދެއްވީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމްއެވެ. ރިޕޯޓަށް ކަނޑައެޅުނު ބަޙުސް ވަގުތުގައި 1 މެންބަރަކު ވާހަކަދެއްކެވިއެވެ.

11 ރަޖަބު 1436
30 އޭޕްރީލް 2015