ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ހުށަހަޅުއްވާފައިވާ އިސްލާޙުތައް މަޖިލީހުން ފާސްކޮށްފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 51 ވަނަ މާއްދާގެ (ހ) ގެ ކުރިއަށް (ހ)، (ށ)، (ނ)، (ރ)، (ބ)، އަދި (ޅ) އިތުރުކޮށް ދެންހުރި އަކުރުތައް ތަރުތީބުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ އިޞްލާޙުތައް ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތަށް 43 މެންބަރުންގެ އިއްތިފާޤުން ފާސްވެއްޖެއެވެ.

މި މައްސަލަ ޢާންމު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާއަށް ހުށަހަޅާދެއްވީ ކޮމިޓީގެ މުޤައްރިރު ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފްއެވެ. މިއަދުގެ ޖަލްސާގައި މި ރިޕޯޓަށް ކަނޑައެޅުއްވި ބަޙުސް ވަގުތުގައި 3 މެންބަރުން ވާހަކަދެއްކެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މި މައްސަލަ ދިރާސާ ކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިވަނީ 13 އޭޕްރިލް 2015 ގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 21 އޭޕްރިލް 2015 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

01 ރަޖަބް 1436
20 އޭޕްރީލް 2015