ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ބިލު އަލުން ދިރާސާ ކުރެއްވުމަށް މަޖިލީހުން ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 16 ވަނަ ޖަލްސާގައި، މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/14) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އަލުން މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މަޖިލީހުން ބަލައިގަތުމަށް މަޖިލީހުގެ 48 މެންބަރުންގެ އިއްތިފާޤުން ފާސްވެއްޖެއެވެ. މި މައްސަލަ މަޖިލީހުން ބަލައިގަތުމަށް ފާސްވުމާއިއެކު އަލުން ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.
މި މައްސަލައަށް ކަނޑައެޅުއްވި ބަހުސް ވަގުތުކޮޅުގައި 6 މެންބަރުން ވާހަކަދެއްކެވިއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 3 މާރިޗު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ދިރާސާކުރެއްވުމަށް މި ބިލު ފޮނުއްވީ 10 މާރިޗު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައެވެ. އަދި ކޮމިޓީ ރިޕޯޓް ހުށަހެޅި، މި ބިލު މަޖިލީހުން ފާސްކުރެއްވީ 30 މާރިޗް 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައެވެ.

24 ޖުމާދަލްއާޚިރާ 1436
13 އޭޕްރީލް 2015