ޣައިރު ދީންތަކުގެ އަޅުކަންކުރާ ތަންތަން ދިވެހިރާއްޖޭގައި ޤާއިމުކުރުން މަނާކުރުމުގެ ބިލް މަޖިލީހުގެ ކުރިއަށްގެންދިއުމަށް ފާސްކުރައްވައި 7 މެންބަރުން ވަގުތީ ކޮމެޓީއަށް ފޮނުއްވައިފި

މިއަދު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 65 ވަނަ ޖަލްސާގައި، ޣައިރު ދީންތަކުގެ އަޅުކަންކުރާ ތަންތަން ދިވެހިރާއްޖޭގައި ޤާއިމުކުރުން މަނާކުރުމުގެ ބިލް އެވަގުތު ޖަލްސާއަށް ޚާޒިރުވެޑައިގެން ވޯޓުގައި ބައިވެރިވެޑައިގެން 47 މެންބަރުންގެ އިއްތިފާޤުން މަޖިލީހަށް ކުރިއަށްގެންދިއުމަށް ފާސްކުރައްވައި، 7 މެންބަރުން ވަގުތީ ކޮމެޓީއަކަށް ފޮނުއްވައިފިއެވެ. މިބިލް މަޖިލީހަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބްއެވެ.

މިއަދުގެ ޖަލްސާގައި މިބިލްގެ ދެވަނަ ކިޔުމުގެ ބަޙުސްގެ މަރުޙަލާގައި، ބައެއް މެންބަރުން ފާހަގަކުރެއްވި މުޙިންމު ނުކުތާތަކުގެ ތެރޭގައި މިބިލްގެ ނަން ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެންދީންތަކުގެ އަޅުކަންކުރާތަންތަން ޤާއިމުކުރުން މަނާކުރުމުގެ ބިލް މިގޮތަށް ބަދަލުކުރުމަށާއި، ދިވެހިރާއްޖޭގައި އުޅޭ ނުވަތަ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމު ބިދޭސީން އެމީހުން ދިރިއުޅޭ ތަނެއްގައި އެކަހެރިކޮށް އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް އަޅުކަންކުރުމަކަށް މިޤާނޫނު ހުރަހެއް ނާޅައޭ މިހެން 4 ވަނަ މާއްދާ ގައި އޮތްއޮތުން ކޮމެޓީ މަރުޙަލާގައި އިތުރަށް އިސްލާޙުކޮށް ބިލް ފުރިހަމަކުރުމަށާއި މީގެއިތުރުން މިބިލުގައި އަދަބެއްގެ ގޮތުގައި 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް އޮތްއޮތުން ކުޑަކަމަށް ފާހަގަކުރެއްވިއެވެ.

ޣައިރު ދީންތަކުގެ އަޅުކަންކުރާ ތަންތަން ދިވެހިރާއްޖޭގައި ޤާއިމުކުރުން މަނާކުރުމުގެ ބިލް ކޮމެޓީއަކަށް ފޮނުއްވުމަށްފަހު، މިއަދުގެ ޖަލްސާގައިދެން ކުރިއަށް ގެންގޮސްފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް .. ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުޙަލާއެވެ. މިއަދުގެ ޖަލްސާގައި މިބިލަށް ވާހަކަދެއްކެވި މެންބަރުންގެ އިތުރުން ބިލުހުށަހަޅުއްވައިދެއްވުމުގެ ގޮތުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ވާހަކަދައްވާފައިވެއެވެ.

މި ބިލު ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަކީ 07 އޯގަސްޓް 2008 އިން ފެށިގެން ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ފާސްކޮށް ޢަމަލުކުރަމުންދާ ޤާނޫނަކަށްވެފައި، އެޤާނޫނުގެ ބައެއް ކަންކަމަކީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީއާ ތަޢާރުޟުވާ ކަންކަމަށްވުމާއި، އަދި ޤާނޫނުއަސާސީގެ ދަށުން އުފައްދަންޖެހޭ މިނިވަން މުއައްސަސާތަކުގެ ތެރެއިން ސިވިލް ސަރވިސް ކޮމިޝަންއަށް ޤާނޫނުއަސާސީގެ 297 ވަނަ މާއްދާގެ ދަށުން އަލުން މެންބަރުން ޢައްޔަންކުރަން ޖެހިފައިވުމާއި، އެމުއައްސަސާއަށް މެންބަރުން ޢައްޔަންކުރުމާއި މަޤާމާ ހަވާލުވުމާއި މެންބަރުކަމުން ވަކިކުރުމުގައި ޢަމަލުކުރަންޖެހޭނެކަމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތައް ވަރަށް އަވަސް ފުރުޞަތެއްގައި މިހާރު ޢަމަލުކުރަމުންމިދާ ޤާނޫނުއަސާސީއާ އެއްގޮތްކުރުމަކީ މުހިއްމު ކަމަކަށްވުމާއި އަދި މިގޮތުން މިޤާނޫނަށް ގެންނަ އިޞްލާޙުތަކަކީ އެމުއައްސަސާގެ މުސްތަޤިއްލުކަން ދެމެހެއްޓެނިވި ގޮތަށް ގެނެވޭ އިޞްލާޙުތަކެއްގޮތުގައި ހެދުމުގެ ބޭނުމުގައިކަމަށް ބިލު ހުށަހެޅުއްވި މެންބަރުގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.

54 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 23 ނޮވެމްބަރ 2009 ވާހޯމަދުވަހުގެ ހެނދުނު 9 ޖަހާއިރުއެވެ.