ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/14) އަށް އިސްލާޙު ގެނައުމުގެ ބިލު 42 މެންބަރުންގެ އަޣްލަބިއްޔަތުން ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ. މި ބިލު ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ ބަޙުސް މަރުޙަލާގައި އެއް މެންބަރަކު ވާހަކަދެއްކެވިއެވެ.
މި ބިލު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއެވެ. ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ދިރާސާކުރެއްވުމަށް މި ބިލު ފޮނުއްވާފައިވަނީ 10 މާރިޗު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 3 މާރިޗު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.

10 ޖުމާދަލްއާޚިރު 1436
30 މާރިޗު 2015