ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޟް އިސްމާޢީލް ބަންދުކުރެއްވުނު މައްސަލަ، އިމްތިޔާޒް ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޟް އިސްމާޢީލް ބަންދުކުރެއްވުނު މައްސަލަ، އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅުމުން އެ މައްސަލަ އެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.
މިގޮތަށް ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 39 މެންބަރުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓް ދެއްވާފައިވާއިރު 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.
އެ މައްސަލަ އިމްތިޔާޒް ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދުއެވެ. މިރިޕޯޓަށް 5 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 24 މާރިޗު 2015 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

3 ޖުމާދަލްއާޚިރު 1436
23 މާރިޗު 2015