އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ހދ.މަކުނުދޫ / ޑައިމަންޑްވިލާ އަޙްމަދު އަކްރަމް އައްޔަނުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ހދ.މަކުނުދޫ / ޑައިމަންޑްވިލާ އަޙްމަދު އަކްރަމް އައްޔަނުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް 53 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.
އިލެކްޝަން ކޮމިޝަނުގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމުގެ މުއްދަތު 24 ނޮވެންބަރު 2014 ގެ ނިޔަލަށް ހަމަވެފައިވާތީ، އެ މަޤާމަށް މެންބަރަކު އައްޔަންކުރުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/8) ގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޢާންމުކޮށް އިޢުލާނުކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅުއްވައިދެއްވީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މެންބަރެއްކަމުގައިވާ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ އެވެ. މިރިޕޯޓަށް އެއް މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.

26 ޖުމާދަލްއޫލާ 1436
18 މާރިޗު 2015