ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 7 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، މާވަށު ދާއިރާގެ މެންބަރު އަޙްމަދު އަޒްހާން ފަހުމީ ހުށަހަޅުއްވާފައިވާ، ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) އަށް އިޞްލާޙު ގެނައުމުގެ ބިލު، 47 މެންބަރުންގެ އިއްތިފާގުން މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފިއެވެ. 5 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.
މި ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ޖުމްލަ 20 މެންބަރުން ބަހުސްކުރައްވާފައިވެއެވެ. އަދި މި ބިލު މަޖިލީހުން ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުވިފައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 17 މާރިޗު 2015 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

25 ޖުމާދަލްއޫލާ 1436
16 މާރިޗު 2015