ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައި، ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢިލް ހުށަހަޅުއްވާފައިވާ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2009/9) އަށް އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފިއެވެ.
މިބިލު މަޖިލީހުން ބަލައިގަތުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 38 މެންބަރުންނެވެ. އަދި ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 11 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.
މި ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ޖުމްލަ 2 މެންބަރުން ބަހުސްކުރައްވާފައިވެއެވެ. އަދި މި ބިލު މަޖިލީހުން ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވިފައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 9 މާރިޗު 2015 ވާ ހޯމަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

13 ޖުމާދަލްއޫލާ 1436
4 މާރިޗު 2015