ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2015 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވައިފިއެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވަނީ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާގޮތުގެ މަތިން، ރިޔާސީ ބަޔާން އިއްވަވައި ދެއްވާފައެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދު ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާން އިއްވަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމުން، ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި، އިތުރަށް ރަނގަޅުކުރުމަށްޓަކައި ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި އަލިއަޅުވާލެއްވިއެވެ. މީގެއިތުރުން އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި ޤައުމުގެ ސިޔާސީ، އިޖްތިމާއީ އަދި އިޤްތިޞާދީ ހާލަތަށް ބައްލަވައި ލެއްވިއެވެ.
ރިޔާސީ ބަޔާން އިއްވަވާދެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޔާމީން ޢަބްދުލްޤައްޔޫމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
މިއަދު ހެނދުނު 10 ޖެހިއިރު ބޭއްވުނު މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގެއަށް ވެދެވަޑައިގަތުމުން އެމަނިކުފާނަށް އިސްތިޤްބާލް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދު އާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙުމަދު މުޙައްމަދު އެވެ. ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިސްކުރާގެއަށް ވެދެވަޑައިގަތުމުގެ ކުރިން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ފަރާތުން ޝަރަފުގެ ގާޑު ރިޔާސީ ކުރުނީސް އެރުވުން އޮތެވެ.
މިރަސްމިއްޔާތުގައި ދައުލަތުގެ ޢިއްޒަތްތެރިންނާއި ބޭރު ގައުމުތަކާއި ޖަމާޢަތްތަކުގެ ސަފީރުންނާއި މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

11 ރަބީޢުލްއައްވަލް 1436
02 މާރިޗް 2015