އިމްތިޔާޒް ކޮމިޓީގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

އިމްތިޔާޒް ކޮމިޓީގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުމުގައި، ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ. މިގޮތުން ކޮމިޓީގެ މުޤައްރިރު ކަމަށް، ކޮމިޓީގެ އަޣުލަބިއްޔަތުން ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހޮއްވެވިއެވެ.
އެއަށްފަހު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް، 22 ފެބްރުއަރީ 2015 ވަނަ ދުވަހު ރޭގަނޑުގެ ވަގުތެއްގައި ބަންދުކުރައްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 203 ވަނަ މާއްދާގެ ދަށުން ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައާގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި، އެމައްސަލައާގުޅޭ ގޮތުން، މަޢުލޫމާތު ހޯއްދެއްވުމަށްފަހު އިތުުރު ބައްދަލުވުމެއް ބޭއްވުމަށް ނިންމެވިއެވެ.
މިއަދު ބޭއްވުނު ބައްދަލުކުރެއްވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ފެލިދޫ ދާއިރާގެ މެންބަރު އަޙްމަދު މަރުޒޫގު، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، މާވަށު ދާއިރާގެ މެންބަރު އަޙްމަދު އަޒްހާން ފަހުމީ، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުޘްމާން، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އަދި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވަޑައިގެންނެވިއެވެ.

4 ޖުމާދަލްއޫލާ 1436
23 ފެބްރުއަރީ 2015