18 ވަނަ ރައްޔިތުންގެ މަޖިލީހުން %96.05 ގެ އުފެއްދުންތެރިކަން ހާޞިލްކޮށްފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖ

Untitled_Panorama2

މިއަދު ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ޖަލްސާކަމުގައިވާ ތިންވަނަ ދައުރުގެ 29 ވަނަ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު ދެއްކެވި ވާހަފުޅުގައި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން %96.05 ގެ އުފެއްދުންތެރިކަން ހާޞިލްކުރެވިފައިވާކަމަށް ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން، މަޖިލީހުގައި ތަފާތު ދާއިރާތަކާއި ފިކުރުތައް ތަމްސީލުކުރަމުންދާއިރު، ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ދަމަހައްޓަވާ، މެންބަރުންގެ މެދުގައި އޮންނަ އެކުވެރި މާހައުލު ތަޖްރިބާ ކުރެވިފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

2014 ވަނަ އަހަރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި 28 ބިލެއް އަލަށް ހުށަހެޅިފައިވާއިރު، 17 ބިލުގެ މަސައްކަތް، ވަނީ ނިންމަވާފައެވެ. މަޖިލީހަށް ހުށަހަޅައްވާފައިވާ 2 ޤަރާރުގެ މަސައްކަތާ، ރިޔާސަތުން ހުށަހެޅުއްވި 7 މައްސަލަ، 4 ކުއްލި މައްސަލަ، 22 ސުވާލު އަދި އެހެނިހެން މައްސަލަތަކާއި ގުޅޭ ގޮތުން ތައްޔާރުކުރެއްވި 3 ރިޕޯޓްގެ މަސައްކަތް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި 16 މައްސަލައިގެ ތެރެއިން 15 މައްސަލައިގެ މަސައްކަތްވެސް ވަނީ ނިންމަވާފައެވެ.

2014 ވަނަ އަހަރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގައި 16 ބިލު އަލަށް ހުށަހަޅުއްވާ، އަދި 17 ބިލު މަޖިލީހުގެ ދެވަނަ ދައުރުން ލިބިފައިވެއެވެ. މީގެ ތެރެއިން 21 ބިލުގެ މަސައްކަތް މަޖިލީހުން ވަނީ ނިންމަވާފައެވެ. ރިޔާސަތުން ހުށަހެޅުއްވި އެއް މައްސަލައާއި، 11 ސުވާލު، 2 ކުއްލި މައްސަލަ އަދި އެހެނިހެން މައްސަލަތަކާ ގުޅިގެން ހުށަހެޅުއްވި 3 ރިޕޯޓްގެ މަސައްކަތް މަޖިލީހުގެ ތިންވަނަ ދައުރުގައި ވަނީ ނިންމަވާފައެވެ. އަދި ސަރުކާރުން ހުށަހެޅުއްވި 11 މައްސަލައިގެ ތެރެއިން 10 މައްސަލައެއްގެ މަސައްކަތްވެސް ވަނީ ނިންމަވާފައެވެ.

 

3 ރަބީޢުލްއައްވަލް 1436

25 ޑިސެންބަރ 2014