ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިޞްލާޙު ފާސްކުރައްވައިފި

_DSC5291މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 94 ވަނަ މާއްދާގެ (ދ) އަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުޙައްމަދު ހުށަހަޅުއްވާފައިވާ އިޞްލާޙު 60 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މި އިޞްލާޙު ފާސްކުރުމަށް ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓް ދެއްވާފައިވާއިރު، ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައިވަނީ 1 މެންބަރުންނެވެ.

މި އިޞްލާޙު ޢާންމު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދުއެވެ. ޢާންމު ކޮމިޓީއަށް ދިރާސާކުރެއްވުމަށް މި އިޞްލާޙު ފޮނުއްވާފައިވަނީ 21 ޑިސެމްބަރ 2014 ވީ އަންގާރަ ދުވަހުއެވެ.

3 ރަބީޢުލްއައްވަލް 1436

25 ޑިސެންބަރ 2014