ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރައްވައިފި

_DSC0649މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2002/1) އަށް އިސްލާޙު ގެނައުމުގެ ބިލު 58 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މި ބިލު ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 3 މެންބަރުން ވޯޓް ދެއްވާފައިވާއިރު، ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައިވަނީ 1 މެންބަރުންނެވެ.

މިއަދުގެ ޖަލްސާގައި މި ބިލުގެ ބަޙުސް މަރުޙަލާގައި 13 މެންބަރުން ވާހަކަދެއްކެވިއެވެ.

މި ބިލު ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ އެ ކޮމިޓީގެ ނައިބު މުޤައްރިރު ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލްއެވެ. ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ދިރާސާކުރެއްވުމަށް މި ބިލު ފޮނުއްވާފައިވަނީ 15 ޑިސެމްބަރ 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ.މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 10 ޑިސެމްބަރ 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ.

3 ރަބީޢުލްއައްވަލް 1436

25 ޑިސެންބަރ 2014