މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 25 ވަނަ ބައްދަލުވުމުގައި، މޯލްޑިވްސް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ދިރާސާކުރައްވައި ނިންމެވިގޮތުގެ ޑްރާފްޓް ރިޕޯޓާއި މެދު މަޝްވަރާކުރައްވައިފިއެވެ. އަދި، ކޮމިޓީން ނިންމަވާފައިވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވާ މައްސަލަތަކުގައި ކޮރަޕްޝަންގެ ޢަމަލެއްވޭތޯ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފޮނުއްވުމަށެވެ.
އެއަށްފަހު، ލ.އަތޮޅު ހޮސްޕިޓަލްގެ މައްސަލައާގުޅޭގޮތުން އަމިއްލަފަރާތަކުން ފޮނުއްވާފައިވާ ސިޓީއާމެދު ކުރެވުނު މަޝްވަރާތަކަށްފަހު، އެ މައްސަލައިގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީ އޮފް ހެލްތް އަށް ލިޔުމުން ދެންނެވުމަށް ނިންމެވިއެވެ.
އަދި މީގެއިތުރުން، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާއިން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ.
މިއަދު ބޭއްވުނު ބައްދަލުކުރެއްވުމަށް ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވަޑައިގެންނެވިއެވެ.
9 ޞަފަރު 1436
1 ޑިސެންބަރ 2014