ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ނިންމެވި ގޮތަށް ފާސްކުރައްވައިފި

_DSC6768މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 99/2) އަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.

މި ބިލު ފާސްކުރައްވާފައިވަނީ 52 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި ބިލު ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 16 މެންބަރަކު ވޯޓުދެއްވާފައިވެއެވެ.

މުޅި މަޖިލީހުގެ ކޮމިޓީން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ އެވަގުތު މަޖިލީހުގެ ރިޔާސަތު ބެލަހައްޓަވައިދެއްވި މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކެވެ. މިބިލުގެ ރިޕޯޓް ހުށަހެޅުމުން، މިބިލަށް 2 އިޞްލާހެއް ހުށަހެޅި، މަޖިލީހުގެ އަޢުލަބިއްޔަތު ނުލިބުމުން މި ދެ އިޞްލާޙުވަނީ ފާސްނުވެފައެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 17 ނޮވެމްބަރ 2014ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ  ދައުރުގެ 14 ވަނަ ޖަލްސާގައެވެ. އަދި 25 ނޮވެމްބަރ 2014 ވީ އަންގާރަދުވަހު ބޭއްވުނު ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި މިބިލު ދިރާސާކުރެއްވުމަށްވަނީ މުޅި މަޖިލިސް ކޮމިޓީއަށް ފޮނުވިފައެވެ. މުޅި މަޖިލީހުގެ ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައިވަނީ، މިބިލު އިތުރަށް ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކޮމިޓީ އަށް ފޮނުއްވުމުން އެ ކޮމިޓީން ބިލު ދިރާސާކުރައްވައި މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 27 ނޮވެންބަރ 2014 ވީ ބުރާސްފަތި ދުވަހުއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، 2 ޑިސެންބަރު 2014 ގައި ބޭއްވުނު މުޅި މަޖިލީހުގެ ކޮމިޓީގެ 5 ވަނަ ބައްލުވުމަށް އެޖެންޑާ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 117 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިބިލުގެ މަސައްކަތް ނިންމެވިއެވެ.

23 ޞަފަރު 1436

15 ޑިސެންބަރު 2014