ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ މަޤާމަށް ސ.މީދޫ އަލިވާގެ އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ޢައްޔަންކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް މަޖިލީހުން ފާސްކުރައްވައިފި

މިރޭ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ މަޤާމަށް ސ.މީދޫ އަލިވާގެ އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ޢައްޔަންކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް 55 މެންބަރުންގެ ޢިއްތިފާޤުން ފާސްކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން އުއްތަމަފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި، ސ.މީދޫ އަލިވާގެ އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދެއްވާފައިވާތީ، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ މަޤާމަށް ޢައްޔަންކުރުމަށްޓަކައި އެމަނިކުފާނުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައަށް 5 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 15 ޑިސެންބަރ 2014 ވާ ހޯމަދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

 

22 ޞަފަރު 1436

14 ޑިސެންބަރ 2014