ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ނިންމެވި ގޮތަށް ފާސްކުރައްވައިފި

_DSC0661ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/22) އަށް އިޞްލާޙު ގެނައުމުގެ ބިލު، ކޮމިޓީން ނިންމެވި ގޮތަށް ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 46 މެންބަރުންގެ އަޢުލަބިއްޔަތުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ. މި ބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 19 މެންބަރަކު ވޯޓުދެއްވާފައިވާއިރު، އެއް މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިބިލު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމްއެވެ. އަދި މިބިލަށް،3 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.

މިބިލު ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިވަނީ 2 ޑިސެމްބަރ 2014 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައެވެ.

18 ޞަފަރު 1436

10 ޑިސެންބަރ 2014