2015 އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ރިޕޯޓުގެ ބަޙުސް މަރުހަލާ ފައްޓަވައިފި

_DSC7905މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، 2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ކޮމިޓީއިން ދިރާސާކުރައްވާ ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާ، އެ ރިޕޯޓްގެ ބަޙުސް މަރުޙަލާ ފައްޓަވައިފިއެވެ.

މިއަދުގެ ޖަލްސާގައި ބަޖެޓުގެ ރިޕޯޓްގެ ބަޙުސަށް ކަނޑައަޅުއްވާފައިވާ ވަގުތުގައި ވާހަކަދައްކަވާފައިވަނީ 22 މެންބަރުންނެވެ.

2015 އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅާދެއްވީ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުޤައްރިރު، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުއެވެ. ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހެޅުމާއެކު އެ ރިޕޯޓަށް 19 އިޞްލާޙެއް މެންބަރުން ހުށަހަޅުއްވާފައިވެއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ރައްޔިތުންގެ މަޖިލީހަށް 2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވީ، ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުންނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 8 ވަނަ ޖަލްސާގައެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 08 ޑިސެމްބަރ 2014 ވާ ހޯމަ ދުވަހު ހެނދުނު 09:00 ގައެވެ.

11 ޞަފަރު 1436

03 ޑިސެމްބަރ 2014