އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހުން ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރ 2008/8 ) ގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ޢާންމުކޮށް އިޢުލާނުކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް ފާސްކުރައްވައިފިއެވެ. މިގޮތުން، މ. ވޭވަށް، ބުލްބުލާގެ، މުޙައްމަދު ޝަކީލްގެ ނަންފުޅު މި މަޤާމަށް ފެނިވަޑައިގަންނަވާކަމަށް 54 މެންބަރުން ވޯޓްދެއްވާފައިވާއިރު، ފާސްކުރަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓްދެއްވާފައިވަނީ 15 މެންބަރުންނެވެ. އަދި ހުޅުމާލެ، އެންދެރި 7، އަޙްމަދު ސުލައިމާންގެ ނަންފުޅު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް 54 މެންބަރުން ވޯޓްދެއްވާފައިވާއިރު، ފާސްކުރަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓްދެއްވާފައިވަނީ 15 މެންބަރުންނެވެ. މިއަދުގެ ޖަލްސާގައި، އެ ދެ ބޭފުޅުންގެ ނަންފުޅު ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުއްވީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމްއެވެ. އަދި ރިޕޯޓް ހުށަހެޅުއްވުމުން، 3 މެންބަރުން ވާހަކަފުޅު ދައްކަވައިފައިވެއެވެ.

11 ޞަފަރު 1436

03 ޑިސެމްބަރ 2014