މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފެނިވަޑައިގަންނަވާކަމަށް 43 މެންބަރުން ވޯޓްދެއްވާފައިވާއިރު، ބިލު ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓްދެއްވާފައިވަނީ 22 މެންބަރުންނެވެ.
މި ބިލު ފާސްވުމާއެކު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ދިރާސާކުރެއްވުމަށް ވަނީ ފޮނުއްވާފައެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 24 ނޮވެމްބަރ 2014 ގައި ބޭއްވުނު މަޖިލީހުގެ ތިން ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. މިއަދުގެ ޖަލްސާގައި ކުރިއަށްގެންދެވި މި ބިލުގެ އިބްދާއީ ބަހުސްގެ މަރުހަލާގައި 6 މެންބަރުން ވާހަކަދެއްކެވިއެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި ކޮމޮންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، ދިވެހީން ހައްޖަށް ގެންދިއުމުގައި ބައެއް ފަރާތްތަކުން ތަކުރާރުކޮށް އިހުމާލުވެފައިވާތީ، މުސްތަޤްބަލުގައި މިފަދަ މައްސަލަތައް ތަކުރާރުވިޔަނުދިނުމަށް އިސްލާމިކް މިނިސްޓްރީން އަޅުއްވަން ގަސްދުކުރާ ފިޔަވަޅުތައް ސާފުކޮށްދެއްވުން އެދިވަޑައިގެން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާ ސުވާލުކުރައްވާފައިވެއެވެ.