ކުއްވެރިން ބަދަލުކުރުމުގެ ބިލު މަޖިލީހުން ފާސްކުރައްވައިފިި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި، ކުއްވެރިން ބަދަލުކުރުމުގެ ބިލު 58 މެންބަރުންގެ އިއްތިފާޤުން މަޖިލީހުން ފާސްކުރައްވައިފިއެވެ. މި ބިލު ބަލައިގަތުމާމެދު ވަކިފަރާތަކަށް ވޯޓް ދެއްވަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓްދެއްވާފައިވަނީ 10 މެންބަރުންނެވެ.

މި ބިލު ދިރާސާކުރައްވާ ނިންމެވިގޮތުގެ ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ ޤައުމީ ސަލާމަތުގެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާއެވެ. މިއަދުގެ ޖަލްސާގައި މިރިޕޯޓަށް ބަހުސް ކުރައްވާފައިވަނީ 8 މެންބަރުންނެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 10 ނޮވެމްބަރ 2014 ގައި ބޭއްވުނު މަޖިލީހުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައެވެ.

09 ޞަފަރު 1436

01 ޑިސެމްބަރ 2014