ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ ދެ އިޞްލާހެއް މަޖިލީހުން ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާގެ (ހ) އާއި 85 ވަނަ މާއްދާގެ (ނ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙުތައް ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތަށް 52 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވެއްޖެއެވެ. މި ދެ އިސްލާޙު ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓްދެއްވާފައިވަނީ 15 މެންބަރުންނެވެ.

މި ބިލު ޢާންމު ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ އާންމު ކޮމިޓީގެ މުޤައްރިރު ކެލާ ދާއިރާގެ މެންބަރު އަލީ އާރިފްއެވެ. އަދި މި ރިޕޯޓަށް ބަހުސް ކުރައްވާފައިވަނީ 15 މެންބަރުންނެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، އެހެން ޤައުމުތަކުގެ ދާޚިލީ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވިޔަ ނުދިނުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކުރައްވާ މަސައްކަތް އޮޅުންފިލުވައިދެއްވުމަށް އެދި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރުއާ  ސުވާލުކުރައްވާފައިވެއެވެ.

09 ޞަފަރު 1436

01 ޑިސެމްބަރ 2014