މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު (ޤާނޫނު ނަންބަރު 79/31) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ދިރާސާކުރެއްވުމަށް ފޮނުއްވައިފިއެވެ.
މި ބިލު މަޖިލީހުން ބަލައިގަތުމަށް ފެނިވަޑައިގަންނަވާކަމަށް 51 މެންބަރުން ވޯޓްދެއްވާފައިވާއިރު ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓްދެއްވާފައިވަނީ 17 މެންބަރުންނެވެ.
މިބިލުގެ އިބްތިދާޢީ ބަހުސް މަރުޙަލާގައި ޖުމްލަ 10 މެންބަރުން ވާހަކަދައްކަވާފައިވެއެވެ. ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 17 ނޮވެމްބަރ 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 1 ޑިސެމްބަރ 2014 ވާ ހޯމަދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.
4 ޞަފަރު 1436
26 ނޮވެމްބަރ 2014