ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފިި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 99/2) އަށް އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފިއެވެ.

މި ބިލު ބަލައިގަނެފައިވަނީ 57 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި ބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓުދެއްވާފައިރު، 3 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ މުޅި މަޖިލިސް ކޮމިޓީއަށް ފޮނުވިފައެވެ.

މިއަދު ކުރިއަށް ގެންދެވުނު މިބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ޖުމްލަ 30 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ.

މީގެއިތުރުން، މިއަދުގެ ޖަލްސާގައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، މަރަދޫގެ ބަނދަރާ ގުޅޭގޮތުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ސުވާލުކުރައްވާފައިވެއެވެ.

3 ޞަފަރު 1436

25 ނޮވެމްބަރ 2014