ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އަނބުރާ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު 2007/5) އަށް އިޞްލާޙު ގެނައުމުގެ ބިލު, ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 89 ވަނަ މާއްދާގެ ދަށުން އެ ބިލަށް އިތުރު އިޞްލާޙު ގެނައުމަށްޓަކައި އަލުން އެ ބިލު ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅިފައިވާ އިޞްލާހަށް ވޯޓަށްއެއްސެވުމުން 69 މެންބަރުންގެ ޢިއްތިފާޤުން ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރެއްވުމާއި ގުޅިގެން، މިބިލުވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުވިފައެވެ.

މިބިލު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް އެވެ.

މިބިލު ފުރަތަމަ ފަހަރު ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިވަނީ 5 އޯގަސްޓް 2014 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ.

2 ޞަފަރު 1436

24 ނޮވެމްބަރ 2014