ސަރުކާރުގެ މަދަރުސާތަކުގެ ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޚިދްމަތްކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 76/29 ) އަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ނިންމެވި ގޮތަށް ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 68 މެންބަރުންގެ ޢިއްތިފާޤުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.
މިބިލު ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއެވެ. އަދި މިރިޕޯޓަށް،12 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.
މިބިލު ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިވަނީ 22 ޖުލައި 2014 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައެވެ.
2 ޞަފަރު 1436
24 ނޮވެމްބަރ 2014