މަޖިލީހުގެ ޖަލްސާގެ ނިޒާމް ގެއްލި ޖަލްސާ ނިންމަވާލައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާ ހެނދުނު ފައްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެމް.އެން.ޑީ.އެފް ގެ ޗީފް އޮފް ޑިފެންސް ފޯސް މަޖިލީހުގެ ރައީސަށް ސިޓީފުޅެއް ފޮނުއްވާފައި އެބައޮތް ކަމަށާއި، އެސިޓީ ފުޅުގައިވަނީ، ވަޒީރުންގެ މަޖިލީހުގެ ހުރިހާ ވަޒީރުން މަޤާމުން އިސްތިޢުފާ ދެއްވުމާއި ގުޅިގެން ރާއްޖޭގައި މިވަގުތު އޮތް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައިގެން މަޖިލީހުގެ ތެރޭގައި މަޖިލީހުގެ މެންބަރުން އެއް މެންބަރު އަނެއް މެންބަރަކާއި ތަޅާ ފޮޅާ، ޒުވާބުކުރައްވާ ރާއްޖޭގެ މަޞްލަޙަތު ގެއްލިދާނެކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާކަމަށާއި މިފަދަ ޙާލަތެއްގައި މަޖިލީހުގެ ޖަލްސާ ބޭއްވެވުމަކީ ސަލާމަތީގޮތުން ރައްކާތެރިކަމެއް ކަމުގައި ފެނިވަޑައި ނުގަންނަވާތީ މިއަދުގެ ޖަލްސާ ނުބޭއްވުމަށް ލަފާއަރުވާ ކަމުގައެވެ. އެސިޓީފުޅާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި މަޖިލީހުގެ ރައީސް މަޝްވަރާކުރެއްވުމަށްފަހު އެބޭފުޅުންގެ ތެރޭގައިވެސް އެސިޓީފުޅާއި ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައި ނުވާތީއާއި، ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަކީ، ދިވެހިރާއްޖޭގެ ޤާނޫނީ މުއައްސަސާތަކުގެ ތެރެއިން ރައްޔިތުން ތަމްސީލު ކުރާ އެއް މުއައްސަސާކަމަށް ވުމާއެކު މަޖިލީހުގެ ޖަލްސާތަކަކީ ރާއްޖޭގައި އިމަރޖެންސީ ހިންގާފައި އޮންނަ ހާލަތެއްގައިވެސް ކުރިއަށް ދާނެ ޖަލްސާތަކެއްކަމަށް ޤާނޫނުއަސާސީގައި ބުނެފައިވާހިނދު، މަޖިލީހުގެ ރައީސަށް ޤަބޫލު ކުރެއްވޭ ގޮތުގައި މަޖިލީހުގައި ތިއްބެވި ހުރިހާ ޢިއްޒަތްތެރި މެންބަރުންނަކީވެސް ކޮންމެ ހާލަތެއްގައިވެސް މަޖިލީހަށް ހާޒިރުވެ މަސައްކަތްޕުޅު ކުރެއްވުމުގެ ތަޞައްރަފް ފުދިފައި ތިއްބަވަންޖެހޭނެ މެންބަރުންކަމަށް ވާހިނދު، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ތެރޭގައި ތަޅާ ފޮޅުން އުފެދި ޖަލްސާތައް ކުރިއަށް ނުގެންދެވޭ ވަރަށް ކަންތައްތައް ގެންދަން ޖެހޭނެކަމަށް ރިޔާސަތަށް ޤަބޫލު ނުކުރެއްވޭތީ މަޖިލިސް ކުރިއަށްގެންދަވަން ނިންމެވީ ކަމުގައެވެ. އަދި މަޖިލީހުގެ ދެ ޢިއްޒަތްތެރި މެންބަރުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަންދުކުރައްވާފައިވާތީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި ވާގޮތުގެ މަތިން މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކުގެ ޖަލްސާތަކަށް ވަޑައިގެންނެވޭގޮތް އެ ދެމެންބަރުންނަށް ފަހިކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި ދަންނަވާފައި ވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ މަންބަރުން ކަމުގައިވާ މުލަކު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަބްދުﷲ ޔާމީން އާއި މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޤާސިމް އިބްރާހީމް މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެއްވެސް މަޤްބޫލު ސަބަބެއްނެތި އެ ދެމެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކަށާއި ކޮމިޓީތަކުގެ ޖަލްސާތަކަށް ވަޑައިނުގެނެވޭގޮތަށް ހައްޔަރުކުރައްވާފައިވާތީ ގިނަ މެންބަރުންތަކެއް ނިޒާމާބެހޭ މައްސަލަ ނަންގަވާ މަޖިލީހުގެ ނިޒާމު ގެއްލޭވަރަށް އަޑުގަދަ ކުރެއްވުމާއި ގުޅިގެން މަޖިލީހުގެ ރައީސަށް ޖަލްސާ އިތުރަށް ކުރިއަށްގެންދެވޭ ވަރަށްވުރެ ބޮޑަށް ޖަލްސާގެ ނިޒާމު ގެއްލުމުން މަޖިލީހުގެ ގަވައިދުގެ 54 ވަނަ މާއްދާގެ (އ)ގައި ވާގޮތުގެ މަތިން ހެނދުނު 9:16 ގައި ޖަލްސާވަނީ ރިޔާސަތުން މެދުކަނޑާލައްވާފައެވެ.

ހެނދުނު މެދުކަނޑާލެއްވި ޖަލްސާ 11:00ގައި ކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރައީސް ފެއްޓެވުމަށްފަހު ކުޑަ އިރުކޮޅެއްނުވެ ގިނަ މެންބަރުންތަކެއް ދެވަނަ ފަހަރަށްވެސް  ނިޒާމާބެހޭ މައްސަލަ ނަންގަވާ މަޖިލީހުގެ ނިޒާމު ގެއްލޭ ހިސާބަށް ކަންތައްދިޔުމުން ރިޔާސަތަށް ޖަލްސާ ކުރިއަށް ނުގެންދެވި މިއަދުގެ ޖަލްސާވަނީ ނިންމަވާލައްވާފައެވެ.

60 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.