ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ދެ މެންބަރަކު ބަންދުކުރެއްވި ކަމުގެ މަޢުލޫމާތު ލިބިވަޑައިގަތުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިހަށް މަޖިލީހުގެ ރައީސް ސިޓީފުޅެއް ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދެ މަންބަރުން ކަމުގައިވާ މުލަކު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަބްދުﷲ ޔާމީން އާއި މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޤާސިމް އިބްރާހީމް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބަންދުކުރެއްވި ކަމުގެ މަޢުލޫމާތު ލިބިވަޑައިގަތުމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ފަރާތްޕުޅުން ސިޓީފުޅެއް ފޮނުއްވައިފިއެވެ. އެސިޓީފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދު 202 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުން މަޖިލީހުގެ މެންބަރެއް ބަންދުކުރެވޭނީ މަޖިލީހުގެ ރައީސަށް އެންގެވުމަށްފަހުގައި ކަމަށްވާތީ އެވާހަކަ ދަންނަވައި މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާގޮތުގެ މަތިން އެ ދެމެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކަށާއި ކޮމިޓީތަކުގެ ޖަލްސާތަކަށް ވަޑައިގެންނެވޭގޮތް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

އެހެން މަޖިލީހުގެ ރައީސް އެދިވަޑައިގަތުމާއި ގުޅިގެން މާލޭގެ ހާލަތު މިވަގުތު ހުރިގޮތުން އެދެ މެންބަރުން މަޖިލީހުގެ ޖަލްސާއަށް ގެނެސްދެއްވެން ނެތްކަމަށް ވިދާޅުވެ ކޮމިޝަރ އޮފް ޕޮލިސް މިއަދު މަޖިލީހުގެ ރައީސަށް ސިޓީފުޅެއް ފޮނުއްވިއެވެ.

އަދި އެސިޓީއާ ގުޅިގެން މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތަވައި އެ ދެމެންބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށްދެއްވުމަށް އެދިވަޑައިގެން ދެވަނަ ފަހަރަށް ކޮމިޝަނަރ އޮފް ޕޮލިސްގެ އަރިހުގައި މަޖިލީހުގެ ރައީސް ދަންނަވައިފިއެވެ.