ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތުގެމަތިން ކަމަށް ބަޔާންކޮށްފައިވާތީ، “އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ސީފެއަރަރސް އައިޑެންޓިޓީ ޑޮކިއުމެންޓްސް ކޮންވެންޝަން (ރިވައިސް) 2003 (ސީ 185)” ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރުހުން ދިނުމަށް ފެނިވަޑައިގަންނަވާ ކަމަށް ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައިފިއެވެ.
އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ސީފެއރަރސް އައިޑެންޓިޓީ ޑޮކިއުމެންޓްސް ކޮންވެންޝަން (ރިވައިސް) 2003 (ސީ 185)” ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޟާ އެވެ.މިމައްސަލަ ކޮމިޓީއަށް ފޮނުވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ދެވަނަ ޖަލްސާގައެވެ.
26 މުޙައްރަމް 1436
19 ނޮވެންބަރު 2014