އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ގއ. މާމެންދޫ އަލޮވާގެ، އަމްޖަދު މުސްޠަފާ އައްޔަނުކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ގއ. މާމެންދޫ އަލޮވާގެ، އަމްޖަދު މުސްޠަފާ އައްޔަނުކުރެއްވުމަށް ރުހުން ދެއްވައިފިއެވެ.

މި ނަންފުޅަށް ރުހުން ދެއްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 63 މެންބަރުންނެވެ. ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 5 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

އަދި، މިއަދުގެ ޖަލްސާގައި އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ރުހުންދިނުމަށް އިތުުރު ދެނަމަކަށް ވޯޓަށްއައްސަވައި މަޖިލީހުގެ އަޢުލަބިއްޔަތު ނުލިބުމުންވަނީ ފާސްނުވެފައެވެ.

އިލެކްޝަން ކޮމިޝަނުގެ މެންބަރުންގެ ތެރެއިން 2 މެންބަރެއްގެ މަޤާމުގެ މުއްދަތު 24 ނޮވެންބަރު 2014 ގެ ނިޔަލަށް ހަމަވާތީ، އެ 2 މަޤާމަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި އިލެކްޝަން ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/8) ގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޢާންމުކޮށް އިޢުލާނުކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ރައީސުލުޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައިދެއްވީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދައިރާގެ މެންބަރު ޢަލީ ސަލީމެވެ. މިރިޕޯޓަށް 2 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.