ދެ ބިލެއް މަޖިލީހުން ކުރިއަށް ގެންދިޔުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް.. ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ފަރެސްމާތޮޑާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު މަޖިލީހުން ކުރިއަށް ގެންދިޔުމަށް ފާސްކުރައްވައިފިއެވެ. އަދި މި ދެ ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޤައުމީ ސަލާމަތުގެ ކޮމެޓީއަށްވަނީ ފޮނުއްވާފައެވެ.

މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހަޅުއްވަންޖެހޭ މުދަލާއި ފައިސާގެ ބަޔާން ހާމަކުރާ ލިޔުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 97 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން މަޖިލީހުގެ ސުލޫކު ކޮމިޓީން ތައްޔާރުކުރައްވާ ފުރިހަމަކުރެއްވި ގޮތުގެ ރިޕޯޓްވަނީ މަޖިލީހުން ފާސްކުރައްވާފައެވެ.

ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމްކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޑިރެކްޓަރުން ބޯޑަށް ޢައްޔަންކުރައްވަން ފެނިވަޑައިގަންނަވާ ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްޓަކައި، އެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކުރިއަށް ގެންދެވި ގޮތުގެ ރިޕޯޓް މިއަދު މަޖިލީހަށް ހުށަހެޅުއްވުމަށްފަހު އެ ރިޕޯޓްގެ ބަހުސްވަނީ ނިންމަވާލައްވާފައެވެ.

މިއަދުގެ ޖަލްސާއަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް.. ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގެ މަރުޙަލާ ކުރިއަށް ގެންދަވިކޮށް މިއަދުގެ ޖަލްސާގެ ވަގުތު ހަމަވެގެން ރިޔާސަތުންވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

75 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙުމަދު ނާޒިމުއެވެ.