ޑިމޮކްރަސީގެ ބޭނުން ހިފަންވީ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށް
ގަދަ ކީރިތިވަންތަ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ޙަމްދުކުރަމެވެ. އަދި މި އުންމަތުގެ އެންމެ މާތް ނަބިއްޔާ محمد صلى الله عليه وسلم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ.
މިއަދަކީ ދެވަނަ ޖުމްހޫރީ ވެރިކަމެއްގެ ފެށުން ދިވެހިރާއްޖެ ދުށްތާ 46 އަހަރު ފުރޭ 47 ވަނަ ޖުމްހޫރީ ދުވަހެވެ. ރައްޔިތުންގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އޮވެގެން ދިވެހިރާއްޖެ އަދާހަމަށް އައިއިރު، ރާއްޖޭގެ ޖުމްހޫރީ ނިޒާމަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އަދި އެ ނިޒާމުވަނީ އެތައް ތަނެއް ހަރުދަނާވެގެން ގޮސްފައެވެ. މިއަދު ދިވެހި އުދަރެހުން ފެންނަމުންދާ މަންޒަރަކީވެސް ޖުމްހޫރީ ވެރިކަމުގެ އަސާސްތައް ވަރުގަދަކުރެވެމުންދާ މަންޒަރެވެ.
މިއުފާވެރި ދުވަހުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް އެންމެހާ ލޮބުވެތި ދިވެހިރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު އަރިސްކުރަމެވެ.
އަޅުގަނޑު ދެކޭގޮތުގައި، ޑިމޮކްރަސީ ރާއްޖެއަށް ގެނެސްދީފައިވާ ވެށީގެ ބޭނުން ހިފަންވީ ޤައުމުގެ ހަމަޖެހުމާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށެވެ. ތަހުޒީބާއި ތަމައްދުންގެ ރޮނގުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. އެހެންކަމުން،ދިވެހި ދައުލަތް ހިންގުމުގައި އޮތް ރައްޔިތުންގެ ބައިވެރިވުން އެންމެ ހެޔޮގޮތުގައި ހިފައި، އެންމެންގެ ލާބައާއި މަންފާއަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރުމުގެ ރޫޙު ދިރުވައި އާލާކޮށް، އެގޮތުގައި ކުރިއަށް ދިއުމަށް މިފުރުޞަތުގައި ގޮވާލަމެވެ.
މާތް ﷲ އަޅުގަނޑުމެންގެ މަސައްކަތުގައި ބަރަކާތް ލައްވައި، ރާއްޖޭގެ އަމަން އަމާންކަން ދަމަހައްޓަވައި،ލޮބުވެތި ދިވެހި އެންމެހާ ރައްޔިތުން އުފާފާގަތިކަންމަތީ ލަހައްޓަވާށިއެވެ. އާމީން.
والحمدللهربالعالمين
ޢަބްދުﷲ މަސީޙް މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް
11 ނޮވެމްބަރ 2014
______________________________________________________________