މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވައިފި

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ “މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 10/2011) އަށް އިޞްލާޙު ގެނައުމުގެ ބިލު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

މުޅި މަޖިލީހުގެ ކޮމިޓީން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލު ދިރާސާކުރައްވައި ނިންމެވި ރިޕޯޓް މިއަދުގެ ޖަލްސާއަށް މުޅި މަޖިލީހުގެ ކޮމިޓީގެ މުޤައްރިރު ހުށަހެޅުމުން، އެ ބިލަށް ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހެޅުއްވި އިޞްލާޙު 60 މެންބަރުންގެ ޢިއްތިފާޤުން ފާސްވިއެވެ. އަދި މަޖިލީހުން ގެންނެވި މިއިޞްލާޙާއެކު މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު 61 މެންބަރުން ޢިއްތިފާޤުން ފާސްވިއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 9 ޖޫން 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. އަދި މިއަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ބޭއްވުނު މުޅިމަޖިލީހުގެ ކޮމިޓީއިން، މިބިލު އިތުރަށް ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކޮމިޓީ އަށް ވަނީ ފޮނުއްވާފައެވެ. އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި މުޅި މަޖިލީހުގެ ކޮމިޓީއަށް މިބިލު ފޮނުއްވާފައިވަނީ 26 އޮގަސްޓް 2014 ވީ އަންގާރަ ދުވަހުއެވެ. އަދި، 28 އޮކްޓޯބަރ 2014 ވީ އަންގާރަދުވަހު ބޭއްވުނު މުޅި މަޖިލީހުގެ ކޮމިޓީއަށް، މިބިލުގެ ރިޕޯޓް ހުށަހަޅުއްވާދެއްވީ އިޤްތިޞާދީ ކޮމިޓީގެ މެންބަރު މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކުއެވެ.

 

19 ޛުލްޙިއްޖާ 1435

10 އޮކްޓޯބަރ 2014