މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާ ގައި ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 10/2011) އަށް އިޞްލާޙު ގެނައުމުގެ ބިލު، 60 މެންބަރުންގެ ޢިއްތިފާޤުން މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފިއެވެ.

މިބިލު ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށް ފޮނުވިފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ. މި ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ޖުމްލަ 27 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 12 ނޮވެމްބަރ 2014 ވާ ބުދަދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.