2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހުށަހަޅުއްވައިފި

_DSC6607މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 8 ވަނަ ޖަލްސާ ގައި ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުންނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ހ) ގެ ދަށުން 2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދު މިއަދު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ މިއަދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމްލަ އަކީ 24.3 ބިލިއަން ރުފިޔާ ކަމަށެވެ.

2015 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 15.8 ބިލިއަން ރުފިޔާ އެވެ. މިއީ މުޅި ބަޖެޓުގެ 65 އިން ސައްތައެވެ.

2015 ވަނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީއާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 21.5 ބިލިއަން ރުފިޔާއެވެ. މީގެތެރޭގައި ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ 13 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރާ 6.8 ބިލިއަން ރުފިޔާ ހިމެނިފައިވެއެވެ. ހިލޭ އެހީގެ ގޮތުގއި ލިބޭނެ ކަމަށް ލަފާކުރަނީ 1.7 ބިލިއަން ރުފިޔާ އެވެ.

2015 ވަނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓް ޑެފިސިޓަކީ 1.3 ބިލިއަން ރުފިޔާއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 2.5 އިން ސައްތައެވެ.

ޤާނޫނުއަސާސީގެ 96 (ހ) ވަނަ މާއްދާގައި ބަޔާންކުރަނީ ކޮންމެ މާލީ އަހަރެއް ފެށުމުގެކުރީން އެ އަހަރަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މަލީއަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށެވެ.

11 މުޙައްރަމް 1436

04 އޮކްޓޯބަރ 2014