ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

_DSC6562ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކަމަލޭޝް ޝަރްމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު އޮތް މި ބައްދަލުވުކުރެއްވުމުގައި ކޮމަންވެލްތްއާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވޭނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ކޮމަންވެލްތު ޕާރލަމެންޓަރީ އެސޯސިއޭޝަންއާ ރައްޔިތުންގެ މަޖިލީހާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ އަމީން ޢާންމު އަޙްމަދު މުޙަންމަދާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޠިމަތު ފިލްޒާއާއި ހެޑް ފޮރިން ރިލޭޝަންސް ޢަބްދުލްޙަމީދު ޒަކަރިއްޔާ ބައިވެރިވެވަޑައިގަތެވެ. ކޮމަންވެލްތު ސެކްރެޓަރީ ޖެނެރަލްގެ އަރިހުގައި ބައިވެރިވެވަޑައިގަތީ ސެކްރެޓަރީ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރ އެންޑް ހެޑް މިސްޓަރ ސައިމަން ގިމްސަންއާއި ކޮމަންވެލްތު ސެކްރެޓޭރިއަޓްގެ ޕޮލިޓިކަލް އެފެއާޒް އެޑްވައިޒަރ މިސް އެލިސަން ޕިއަރމަންއެވެ.

 

6 މުޙައްރަމް 1436

30 އޮކްޓޯބަރ 2014