މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާ ގައި އޮޑިޓް ޤާނޫނު (ޤާނޫނު ނަންބަރު 2007/4) އަށް އިޞްލާޙު ގެނައުމުގެ ބިލު، އެއް އިޞްލާހާއެކު ފާސްކޮށްފިއެވެ.
އޮޑިޓް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވާފައިވަނީ 40 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 25 މެންބަރުންނެވެ.
މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހަޅުއްވައި ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހެޅުއްވި އިޞްލާޙު ފާސްކުރައްވާފައިވަނީ 36 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 22 މެންބަރުންނެވެ. މި އިޞްލާޙަކީ އޮޑިޓް ޤާނޫނުގެ 2 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކޮށް އެއީ އެ މާއްދާގެ (ބ) ކަމުގައި ހަމަޖައްސައި ދެންހުރި އަކުރުތައް ތަރުތީބުކުރުމެވެ.
އޮޑިޓް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު މަޖިލީހަށް މިއަދު ހުށަހަޅުއްވައިދެއްވީ އިޤްތިޞާދީ ކޮމިޓީގެ މެންބަރު މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދު މަނިކު އެވެ. މިރިޕޯޓަށް 15 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.
މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 17 ޖޫން 2014 ގައި ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާގައެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި އއ.ފެރިދޫއާއި އއ.މަތިވެރީގެ ނަރުދަމާގެ މަސައްކަތާ ގުޅޭގޮތުން މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމްއާ ކުރައްވާ ސުވާލުގެ ބައި ކުރިއަށް ގެންދަވާފައިވެއެވެ.
05 މުޙައްރަމް 1436
29 އޮކްޓޯބަރ 2014