މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި، މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫއްރިއްޔާގެ އަރިހަށް ފޮނުވުނު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/9) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވައި ބިލު ދިރާސާކުރެއްވުމަށް އިޖްތިމާޢީ ކޮމިޓީއަށް ފޮނުވުމަށް ނިންމަވައިފިއެވެ.
މިގޮތަށް ފާސްކުރައްވާފައިވަނީ 58 މެންބަރުންގެ ޢިއްތިފާގުންނެވެ.އަދި އެއް މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި، މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އއ. ހިމަންދޫ ބަނދަރުގެ މަސައްކަތާއި ގުޅިގެން މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ސުވާލުކުރައްވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 29 އޮކްޓޯބަރ 2014 ވާ ބުދަދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.
4 މުޙައްރަމް 1436
28 އޮކްޓޯބަރ 2014