އިޖްތިމާޢީ ކޮމިޓީގެ 13 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު އިޖްތިމާޢީ ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި ކޮމިޓީގައި މިހާރު ހުރި ބިލުތައް ކުރިއަށް ގެންދާނެ ގޮތަކާގުޅޭގޮތުން މަޝްވަރާކުރައްވާ، ބިލުތައް ދިރާސާ ކުރެއްވުމަށް ސަބްކޮމިޓީތައް ކަނޑައެޅުއްވިއެވެ.

އެގޮތުން ޞިއްޙީ ޚިދުމަތްދިނުމުގެ ބިލު ދިރާސާ ކުރުމަށް ހޮވި ސަބްކޮމިޓީއަށް މެންބަރުންގެ އަޢްލަބިއްޔަތުން ކަނޑައަޅުއްވާފައިވަނީ ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް އަދި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲ އެވެ.

އަދި ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލު ދިރާސާ ކުރެއްވުމަށް ހޮއްވެވި ސަބްކޮމިޓީއަށް މެންބަރުންގެ އަޢްލަބިއްޔަތުން ހޮއްވެވީ، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު، ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފުއެވެ.

މީގެ އިތުރުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) އަށް އިސްލާޙުގެނައުމުގެ ބިލު ދިރާސާކުރެއްވެވި ސަބް ކޮމިޓީގެ ރިޕޯޓާއި މެދު މަޝްވަރާ ކުރެއްވުން ކުރިއަށްގެންދެވިއެވެ. އަދި ކޮމިޓީއިން ނިންމެވީ މި ބިލާ ގުޅޭގޮތުން 29 އޮކްޓޯބަރ 2014 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިކޮމިޓީގެ ބައްދަލުވުމަށް އެޓާރނީ ޖެނެރަލްގެ އޮފީސް އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުންނާ ބައްދަލުކުރައްވަވާ މަޝްވަރާކުރެއްވުމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދު އަދި ނައިބު މުޤައްރިރު މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲ، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ހާޒިރުވެވަޑައިގެންނެވިއެވެ.