މާލިއްޔަތު ކޮމިޓީގެ 22 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 22 ވަނަ ބައްދަލުވުމުގައި، ސަރުކާރުން އެސްޓީއޯ އާއި ހަވާލުކުރައްވައިގެން އަތޮޅުތެރޭގެ ރަށްރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ “ފާމަސީ” ގެ ޚިދުމަތްތަކާ ގުޅޭގޮތުން މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ މައްސަލައާގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 100 ވަނަ މާއްދާގެ (ށ)ގެ (5) ނުކުތާގެ ދަށުން ދިރާގު ޕަބްލިކް ލިމިޓެޑް އޮޑިޓް ނުކުރެވޭ މައްސަލައާމެދު މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ، ކުންފުނި އޮޑިޓް ކުރައްވަމުން ގެންދަވާކަމަށް މަޢުލޫމާތު ލިބިފައިވާތީ އާއި އެކަމާގުޅޭ މަޢުލޫމާތު ދިރާގް ވެބްސައިޓްގައި ޝާއިޢުކުރެވިފައިވާތީ އެމައްސަލަ ހުށަހެޅުއްވި މެންބަރަށް އެކަމާގުޅޭ މަޢުލޫމާތު އެރުވުމަށާއި، އަދި މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވުމަށެވެ.

މިއަދު ބޭއްވުނު ބައްދަލުކުރެއްވުމަށް ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވަޑައިގެންނެވިއެވެ.