ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާ ގައި ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2010/24) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފިއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 19 އޯގަސްޓް 2014 ގައި ބޭއްވުނު ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގައެވެ.

މިއަދުގެ ޖަލްސާގައި މިބިލަށް 12 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި އައްޑު އަތޮޅުގައި، ޚާއްޞަކޮށް މަރަދޫގައި ސާފު ބޯފެން ލިބުމުގެ ދަތިކަން ރައްޔިތުން އިޙްސާސްކުރާތާ ވަރަށް ގިނަ ދުވަސްވެފައިވާތީ، ސާފު ބޯފެން ލިބޭނޭގޮތް ހަދައި އެ މަޝްރޫޢު އާ ގުޅޭގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމްއާ ކުރައްވާ ސުވާލުގެބައި ކުރިއަށް ގެންދަވާފައިވެއެވެ.

27 ޛުލްޙިއްޖާ 1435

21 އޮކްޓޯބަރ 2014