ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވައިފި

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބޭހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/9 ) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

މި ބިލު ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާޤުންނެވެ. އަދި 2 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިބިލު އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދު އެވެ. މިބިލު ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިވަނީ 21 ޖުލައި 2014 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައެވެ.

މިބިލު ސަރުކާރުން ހުށަހަޅުއްވާފައިވަނީ، ފަށާ ތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ދައުލަތުން ހިލޭ ފޯރުކޮށްދޭންޖެހޭނެ ކަމަށް ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ކުޑަކުދިންނަށް ތަޢުލީމު ދިނުމަކީ ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކޮށްދޭންޖެހޭ ކަމެއްކަމަށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބޭހޭ ޤާނޫނު 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ޤާނޫނުއަސާސީން އުނގެނުމުގެ ހައްޤު ލިބިދޭ މިންވަރަށް އެ ޤާނޫނުންވެސް އެ ޙައްޤު ލިބޭނެ ގޮތަށް އިސްލާޙްކުރުމުގެގޮތުންނެވެ.

19 ޛުލްޙިއްޖާ 1435

13 އޮކްޓޯބަރ 2014