“މާލެ – ހުޅުމާލެ ބްރިޖް ވެގެންދާނީ ދިވެހިރާއްޖެ ތަރައްޤީގެ އައު ހަރުފަތަކަށް ގެންގޮސްދޭނެ ފާލަމަކަށް”

maseeh-china-founding

މާލެ – ހުޅުމާލެ ބްރިޖް ވެގެންދާނީ ދިވެހިރާއްޖެ ތަރައްޤީގެ އައު ހަރުފަތަކަށް ގެންގޮސްދޭނެ ފާލަމަކަށް ކަމަށާ އަދި އެއީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭނެ އަލިގަދަ ބިނާއަކަށް ވެގެންދާނެ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ މަސީޙް މުޙަންމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ޗައިނާގެ 65 ވަނަ އަހަރީ ދުވަހުގެ މުނާސަބަތު ފާހަގަ ކުރެއްވުމަށް ޗައިނާ އެމްބަސީއިން ރޭ ބޭއްވެވި ޙަފްލާ ޝަރަފްވެރިކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޗައިނާގެ 65 ވަނައަހަރީ ދުވަހުގެ މުނާސަބަތުގައި ޗައިނާގެ ޒަޢާމަތަށާއި ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނަންފުޅުގައާއި ދިވެހިރައްޔިތުންގެ ނަމުގައި ތަހްނިޔާ ރައްދު ކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމަށް ބައްލަވާލައްވައި، އެގުޅުން އިތުރަށް ބަދަހިވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

5 ޛުލްހިއްޖާ 1435

30 ސެޕްޓެމްބަރ 2014