ރައްޔިތުންގެ މަޖިލީހުގެ ރައީސް ޗައިނާގެ ރައީސް އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

_CHR38x47

 

 

 

 

މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ އަރިހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޗައިނާގެ ރައީސަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައާއި، ދިވެހި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ވަރަށް ހޫނު މަރްޙަބާއެއް ދެންނެވިއެވެ. ޗައިނާގެ ރައީސްގެ މިޒިޔާރަތަކީ ޗައިނާގެ ރައީސްއަކު ރާއްޖެއަށް ކުރެއްވި އެންމެ ފުރަތަމަ ޒިޔާރަތްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެމަނިކުފާނަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ އެކުވެރި ގާތްގުޅުމުގެ މައްޗައް ބައްލަވާލައްވަމުން މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ސަރުކާރުގެ އިސްވެރިންގެ ދަތުރުފުޅުތަކާއި ޤާނޫނު ހަދާ މަޖިލީހުގެ އިސްވެރިންގެ ދަތުރުފުޅުތައް ދެ ޤައުމުގެ ދެމެދުގައި ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ ދީލަތި އެހީތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޗައިނާ ސަރުކާރަށާއި ޗައިނާގެ އެކުވެރި ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ޗައިނާގެ ރައީސްގެ މި ދަތުރުފުޅުގައި ތަރައްޤީއަށްޓަކައި އެއްބަސްވެވުނު އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ޒަޢާމަތާ ޝީ ޖިންޕިންގް ޙަވާލުވެވަޑައިގެންނެވިފަހުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި އެކަމަށްޓަކައި މަޖިލީހުގެ ރައީސް ޗައިނާގެ ރައީސްއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ޚާއްސަގޮތެއްގައި ޗައިނާގެ ރައީސްގެ ތާރީޚީ ފައިދާކުރަނިވި ޒިޔާރަތުގެ ސަބަބުން ރާއްޖެއާ ޗައިނާއާ ދެމެދު އޮތް އެކުވެރި ރަޙްމަތްތެރި ގުޅުން މާސިންގާ ފުންމުމަކުން ކުރިއަށްޖެހިލައިފިކަމުގައި ވިދާޅުވިއެވެ.

ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށާއި މަޖިލީހުގެ މެންބަރުންނަށް ހެޔޮއެދުންތައް ރައްދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގައި މަޖިލީހުގެ ދައުރާއި މަސައްކަތް ހިމެނިފައިވާ މިންވަރު ފާހަގަކުރައްވައި ދެޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ ދެމެދު ގުޅުން ބަދަހިކުރުން މުހިންމުކަމަށް އިޝާރާތްކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގައި ބައިވެރިވުމަކީ ޗައިނާއަށް ލިބޭ އުފަލެއް ކަމުގައި ސިފަކުރައްވަމުން، ޗައިނާވެސް އެދެނީ ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުންކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ކަންކަމަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގިވަޑައިގެންފިކަމަށާއި އެކަން ކަމުގައި ޗައިނާއިން ވެދެއްވެން އޮތް އެހީއެއް އުފަލާއެކު ވެދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިގޮތުން މިއަދު ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކާ މެދު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރައްޔިތުންނަށް މަންފާތަކެއް ލިބި އުފާ ފާގަތިކަން އިތުރުވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށްވެސް ޗައިނާގެ ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކުއާއި،  މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީ.ޕީ.އެމް.ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަލްފާޟިލް އަޙްމަދު ނިހާން ހުސައިން މަނިކުއާއި، ޕީ.ޕީ.އެމް.ގެ ޕާލަމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރު އަލްފާޟިލް ރިޔާޒް ރަޝީދާއި، އެމް.ޑީ.ޕީ.ގެ ޕާލަމެންޓަރީ ގްރޫޕްގެ ނައިބު ލިޑަރު އަލްފާޟިލާ ރޮޒައިނާ އާދަމްއާއި، ޖުމްހޫރީ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަލްފާޟިލް ޤާސިމް އިބްރާހީމްއާއި، އެމް.ޑީ.އޭ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަލްފާޟިލް އަލީ މަޢުރޫފްއާއި، އެމް.ޑީ.ޕީ.ގެ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރު އަލްފާޟިލް މުޙައްމަދު ފަލާޙްއާއި، މަޖިލީހުގެ އަމީން ޢާންމު އަލްފާޟިލް އަޙްމަދު މުޙަންމަދުއާއި، މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާއާއި އަދި މަޖިލީހުގެ އިދާރާގެ ހެޑް، ފޮރިން ރިލޭޝަންސް، އަލްފާޟިލް ޢަބްދުލް ޙަމީދް ޒަކަރިއްޔާ ބައިވެރިވެވަޑައިގަތެވެ.

ޗައިނާގެ ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަތީ އެމަނިކުފާނުގެ ވަފްދުގެ އިސް ބޭފުޅުންނެވެ.