ޤައުމީ ސަލާމަތުގެ ކޮމިޓީގެ 14 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ 14 ވަނަ ބައްދަލުވުމުގައި، މިނިވަން ނޫހުގެ ރިޕޯޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލިފައިވާ މައްސަލައާ ގުޅިގެން ޤައުމީ ސަލާމަތުގެ ކޮމިޓީން ބާއްވާފައިވާ ބައްދަލުވުމުގެ ޔައުމިއްޔާއާއިއެކު މުޅި މައްސަލަ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިދެއްވުމަށް، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން އެދިވަޑައިގެންފައިވާތީ، އެ ކޮމިޓީއަށް ފޮނުއްވުމަށް ނިންމަވައިފިއެވެ.

މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާގެ އިތުރުން ނައިބު މުޤައްރިރު މަނަދޫ ދާއިރާގެ މެންބަރު ޢުމަރު ޙުސައިން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދުދީދީ ވަޑައިގެންނެވިއެވެ.